ތިމާވެށީގެ ގަތުލުއާންމެއް ހިންގަމުންދާ ދިވެހި ސަރުކާރުން އދ. ގައި ބުނީ ކްލައިމެޓް ފައިނޭންސިން އިތުރަށް ބޭނުންވާ ކަމަށް
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:01
މިޔަރުގެ މަސްވެރިކަން އަލުން ފެށުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުންތައް ލިބޭނެހެން ތަރައްގީގެ މަޝްރޫއުތައް ރާވަމުން ގެންދާ ދިވެހި ސަރުކާރަށް މިހާރަށްވުރެ އިތުރަށް ކްލައިމެޓް ފައިނޭންސިންގެ ތެރެއިން ފައިސާ ބޭނުންވާ ކަމަށް އދ. ގައި ބުނެފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ އަހަރީ އާންމު ޖަލްސާގެ އާންމު ބަހުސްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތަގުރީރުކުރެއްވީ ރާއްޖެ ގަޑިން ރޭ ދަންވަރު އެވެ. އެ ތަގުރީރުގައި ހަލީލު ވަނީ ރާއްޖޭގެ ހާލަތު ސަރުކާރުން ސިފަކުރާ ގޮތް ދުނިޔެއަށް އިއްވާފަ އެވެ.
އެގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށް ހަލީލު ރޭ ވިދާޅުވި އެވެ. މިކަން ހައްލުކުރުމަށް ބޮޑެތި ގައުމުތަކުން މުއާހަދާތަކަށް ބޯލަނބަން ޖެހޭ ކަމަށާއި ގެއްލުންތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ހިލޭ އެހީގެ އޮނިގަނޑު ބަދަލުކުރަން ޖެހާ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.