ބްލޭޒަން މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކުށް ސާބިތުވެއްޖެ
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:53
ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ދާދި ދެންމެއަކު ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ސައީދު ފެނަކައާ ހަވާލުނުވަނީސް، އެ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުން ޖެނުއަރީ 30، 2018 ގައި ހެދި އެއްބަސްވުމެކެވެ. މިއީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ.
މި މުއާމަލާތުގެ ތެރެއިން ސައީދު ގޯސް ހެދި ކަމަށް މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގަ އެވެ.