ފެނެކައިގެ ކުރީގެ އެމްޑީ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:16
ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، މިއީ އަދަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދުނު ކުރި އެއް އަހަރާއި ހަތް މަހަށް ވުރެ ވެސް ދިގު މުއްދަތެކެވެ. އަދި ސައީދުގެ ކުށުގެ ރެކޯޑެއް ނެތުމާއި ދިފާއުގެ ބޮޑު ބައި ސާބިތުކޮށްދެވިފައިވާތީ، އަދަބު ކުޑަކޮށްދޭން ދިފާއި ވަކީލުން ވެސް އެދިފައި ވަނިކޮށެވެ.
މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ. މިހާ ހަރުކަށި އަދަބެއް ކަނޑައެޅި ކަމަށް ގާޒީ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.