ގާނޫނުއަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންނަށް، ކަންނެތް ކަމުގައި ތިބެއްޖެ ނަމަ ހައްގުތަކެއް ނުލިބޭނެ: ސުއޫދު
އަދަދު
29 ސެޕްޓެމްބަރު 2025 | ހޯމަ | 8:09
ގާނޫނުއަސާސީ ހިމާޔަތްކޮށް އެއަށް ދިރުން ގެނެވޭނީ ރައްޔިތުން ހަރަކާތްތެރިވި ވަރަކުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ސުއޫދު ލިޔުއްވި "ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" އަދި "މުދަލު ޒަކާތް ހިސާބު ކުރުން" ފޮތް ނެރުމަށް އިއްޔެ ގައުމީ ކުތުބުހާނާގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީއަކީ އަމިއްލަ އަށް ބަސް ބުނެ ވާހަކަ ދައްކާ، ހަރަކާތްތެރިވާ އެއްޗެއް ނޫން ކަމަށާއި އެހެންވެ، ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު އޮތީ ކޮންމެ ރައްޔިތެއްގެ އަތްމަތީގައި ކަމަށެވެ.
"ރައްޔިތުން ހަރަކާތްތެރިވި ވަރަކުން ގާނޫނުއަސާސީ ހަރަކާތްތެރި ކުރުވޭނީ. ގާނޫނުއަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންގެ މަސައްކަތުން. ރައްޔިތުން ފިޔަވަޅު ނާޅައި ކަންނެތް ކަމުގައި ތިބެއްޖެ ކަމަށް ވެއްޖިއްޔާ ގާނޫނުއަސާސީގައި ހުރި ހައްގުތަކަކީ ހަމަ ކަރުދާހުގައި ލިޔެފައި ހުރި އަކުރުތަކެއް. އެ އަކުރުތައް ދިރުން ގެނެސްދެވޭނީ ރައްޔިތުން ކުރި މަސައްކަތަކުން،" ސުއޫދު ވިދާޅުވި އެވެ.