މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީގެ ކެމްޕޭނަށް ފެނަކަ ތެރެއިން ފައިސާ ނެރުނު!
އަދަދު
29 ސެޕްޓެމްބަރު 2025 | ހޯމަ | 2:38
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ފައިސާ ނެރެފައިވާކަން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑީއާގައި ލީކުކޮށްލާފައިވާ މި ރިޕޯޓުގައި ވަނީ ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތްތަކެވެ. އަދަދު އިން ވަނީ މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ކަށަވަރުކޮށްފަ އެވެ.
މި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު (އެސްޓީއާރު) ގައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި މުއްދަތުގެ ތެރޭގައި ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯއަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.