މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި
އަދަދު
1 އޮކްޓޯބަރު 2025 | ބުދަ | 7:39
ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި، އިގުތިސާދަށާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުން ދާތީ ރައީސް މުހައްމަދު މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދުސްތޫރީ ނިޒާމު ގަޑުބަޑުވެ، ހައްގުތައް ގެއްލި، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިގުތިސާދު ދަށަށް ގޮސް، މުދަލުގެ އަގު އުފުލި، ކުދި ވިޔަފާރިތައް ބަނގުރޫޓުވެ، ބޭރުގެ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ޕާޓީން ބުނެ އެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަމާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތަތީވެ، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކޮށް، ސަރުކާރު ހަމަ މަގަށް އަޅުވާ، އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް، ސިޔާސީ ޕާޓީތަކާއި އެކު މަސައްކަތް ފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން އިގުރާރު ވަމެވެ،" ބަޔާނުގައިވެ އެވެ.