މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އިތުރު 3000 ފްލެޓު އަޅަން ފަށާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފި
އަދަދު
1 އޮކްޓޯބަރު 2025 | ބުދަ | 11:39
މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އިތުރު 3000 ފްލެޓު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީގެ ރޮނގުން ބަލާއިރު ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށެވެ. އަދި މި ސަރުކާރުގެ ކަންކަން ކުރިއަށް ގެންދަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދާދި އަވަހަށް ހަމަ މި އަހަރު ތެރޭގައި، މި އަހަރު ތެރޭގައި ހަމަ މާލޭގައި، މާލޭގައި މި ބައްދަލުވުން ބޭއްވޭތީ، މުޅި ރާއްޖޭގެ ރައްޔިތުން ބައްލަވަމުން ވެސް އެބަ ގެންދަވާ، މާލޭގައި އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.