އެމްއޭސީއެލްގެ އެއާޕޯޓުތަކަށް ބިން ހިއްކަން ބޮޑު އަގުގައި ޑްރެޖަރެއް ކުއްޔަށް ނަގަނީ
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 6:39
މި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ ފަސް އެއާޕޯޓު މަޝްރޫއުގެ ބިން ހިއްކަން، މާކެޓު ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ޑްރެޖަރެއް ކުއްޔަށް ނަގައިގެން ގެންނަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ވިސްލްބްލޮވަރަކު ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް މި ނޫހަށް ދިން މައުލޫމާތުގައިވާ ގޮތުގައި، މި ޑްރެޖަރު ކުއްޔަށް ނަގަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަށެވެ. މިއީ އެމްޓީސީސީން ގެންގުޅޭ މި ސަރަހައްދުގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ "މަހާޖައްރާފު" ގަންނަން ހަރަދުކުރި 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
އެމްއޭސީއެލްއިން ކުއްޔަށް ގެންނަ ޑްރެޖަރަކީ، ސިއްރު މަސްދަރުން ބުނި ގޮތުގައި، މީގެ ކުރިން އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހިއްކުން އަވަސްކުރަން ކުއްޔަށް ނަގައިގެން ގެނައި "ފިލިޕޯ ބްރޫނެލެސްކީ" އެވެ. މިއީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކޭ ވަރުގެ ޑްރެޖަރެއް ކަމަށް އޭރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވިދާޅުވެފައި ވެ އެވެ. މި ބޯޓު މި ވަގުތު އޮތީ ޑުބާއީގައި ބަނދަރުކޮށްފަ އެވެ.