ތަކުރާރުކޮށް ވައުދުވުމަށްފަހު ވެސް އަމިއްލަ ކުންފުނިތަކަށް މުއިއްޒު ފައިސާއެއް ނުދޭނެ: އަމީރު
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:15
އަމިއްލަ ކުންފުނިތަކުގެ ބިލުތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް، އެ ފައިސާ ނުދެވޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާތައް ބިލިއަނުން ހުރިއިރު، އެ ފައިސާ ދިނުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރުވެސް ސަރުކާރުގެ އެ ގާބިލުކަމެއް ނެތްކަން. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް މުއިއްޒު އެގޮތަށް ފާހަގަކުރިއަސް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބިލިއަނުން ފައިސާ ކޮންޓްރެކްޓަރުންނަށް ދެވޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.