މުއިއްޒު އަޒުލު ކުރުމަށްފަހު ނައިބު ރައީސްއާ ވެރިކަން ހަވާލުކުރަން ފައްޔާޒް ގޮވާލައްވައިފި
އަދަދު
5 އޮކްޓޯބަރު 2025 | އާދިއްތަ | 11:47
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމުން އަޒުލު ކުރައްވައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލު ކުރެއްވުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ގޮވައިލައްވައިފި އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި ހުސެއިން ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއް އޮވެގެން ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"އެހެންނަމަވެސް ނައިބުރައީސް ހުންނެވީ ތައްޔާރަށްކަން ވެރިކަމާ ހަވާލުވާން އަޅުގަނޑުމެންނަށް އެނގޭކަމާއި އަދި ހަމަ މި ފުރުސަތުގައި އަޅުގަނޑު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހުރި ނުބައި އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ މުޅި ދިވެހިރާއްޖޭގެ އިގުތިސާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލު ކުރައްވައި ނައިބުރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް އަޅުގަނޑު ގޮވައިލަން،" ފައްޔާޒް ވިދާޅުވި އެވެ.