ފައިސާ ދިނަސް ކޮންޓްރެކްޓަރުން މަސައްކަތް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
7 އޮކްޓޯބަރު 2025 | އަންގާރަ | 12:41
ކޮންޓްރެކްޓަރުން ކުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާގެ އަޑުތައް ނުކެނޑެނީސް، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނަސް އެ ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފެންފުށީ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަައިގައި، އެ ރަށުގެ ނަރުދަމާ ގާއިމުކުރުމުގެ ޕްރޮޖެކްޓު ހުއްޓިފައި އޮތް މައްސަލައަށް އިޝާރާތްކުރައްވަމުންނެވެ.
ފެންފުއްޓަކީ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރެވިފައި ނުވާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. މި ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ޔާމީން ސަރުކާރާއި ސޯލިހު ސަރުކާރުގައި ވެސް ބަޔަކާ ހަވާލުކުރި އެވެ. އެކަމަކު މަަސައްކަތް ހަވާލުކުރިތާ އަށް އަހަރު ވޭތުވެ، ނުވަ ވަނަ އަހަރު ހިނގަމުންދާ އިރު، އަދިވެސް އެ މަސައްކަތް ނުނިމެ އެވެ.