ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރުން އާދަޔަކަށް، މިދިޔަ ތިން ހަފުތާގެ ހިސާބުތައް އާންމު ނުކުރޭ
އަދަދު
7 އޮކްޓޯބަރު 2025 | އަންގާރަ | 9:45
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާދަޔަކަށް ހަދައިފި އެވެ.
ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 23، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 18، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ.
އެހެންކަމުން ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލު ސާފުވާނެ ގޮތެއް ނެތެވެ. މިކަން މިހެން ދިމާވާ ސަބަބު ހޯދުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.