ރާއްޖެ ކުރިން އޮތްގޮތަށް ރުޖޫއަކުރަން މުއިއްޒުގެ ސަރުކާރުން "ރެސްޕެކްޓް ކެމްޕޭން" ފަށަނީ
އަދަދު
7 އޮކްޓޯބަރު 2025 | އަންގާރަ | 11:49
ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގައި އޮތް އިހުތިރާމު ކުރުމުގެ ސަގާފަތް ގެއްލިއްޖެ ކަމަށާއި އޭގެ ކުރިން އޮތް ހާލަތަށް ގައުމު ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެ، ސަރުކާރުން "ރެސްޕެކްޓް ކެމްޕޭން" އެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މަހިބަދޫގައި ހުންނަވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހިން މީގެ އަހަރުތަކެއް ކުރިން ސިޔާސީ އޮއެވަރެއްގެ ތެރެއަށް ވަދެގެން ދިޔަގޮތަށް އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ އާދަ ނެތިގޮސްފައިވާ ކަމަށެވެ.
މުއިއްޒު އެ ވިދާޅުވާ ސިޔާސީ އޮއިވަރަކީ 90 ގެ ފަހުކޮޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފެށި ހަރަކާތްތަކެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް އެތައް ހައްގެއް ލިބި ރައްޔިތުންގެ ވޯޓުން ވެރިން ހޮވުމުގެ ހައްގު ލިބުނެވެ.