ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް އަދިވެސް ފިޔަވަޅެއް ނޭޅޭ: އިހުސާން
އަދަދު
8 އޮކްޓޯބަރު 2025 | ބުދަ | 9:30
މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މި މައްސަލާގެ ތަހުގީގުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ ފަރުވާކުޑަކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނީ ހާދިސާގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގަ އެވެ. އެ ރިޕޯޓާއި އެއްގޮތަށް ކަންކަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ޖޫން 24، ގައި ދައުލަތުގެ ވުޒާރާތަކަށާއި މުއައްސަސާތަކަށް އެންގެވި އެވެ.
ނަމަވެސް، ފުލުހުންނަށް ފިޔަވަޅު ނޭޅޭކަން ހާމަވީ ރިޕޯޓާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިހުސާނާއި ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުންނެވެ.