ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް އަންގަމުން ދަނީ ގާނޫނާ ހިލާފަށް: ފަހި ޔޫނިއަން
އަދަދު
8 އޮކްޓޯބަރު 2025 | ބުދަ | 6:26
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅި ބައެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ މި ސަރުކާރުން އަންގަމުންދަނީ ދުސްތޫރީ ހަމަތަކާއި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ފަހި ޔޫނިއަނުން ބުނެފި އެވެ.
އެ ޔޫނިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާކަމަށް މިދިޔަ ސަރުކާރުން ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބައެއް މީހުންނަށް ފްލެޓު ނުލިބޭނެކަން މި ސަރުކާރުން އަންގަމުންދާ ކަމަށެވެ. އަދި އެގޮތަށް އަންގަމުން ދަނީ އެ ފަރާތްތަކާއެކު މިދިޔަ ސަރުކާރުންވީ އެއްބަސްވުން އުވައިލުމެއް ވެސް ނެތި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އެ އެއްބަސްވުން ބާތިލު ކުރުމެއްނެތި، އަދި އެއްބަސްވުމުގެ ބައިވެރީންގެ ރުހުމެއްނެތި ކުރީ ސަރުކާރުން ޝަރުތު ހަމަވިކަމަށް ނިންމި ގިނަ ބަޔަކު މި ސަރުކާރުން ޝަރުތު ހަމަނުވާކަމަށް ބަލާފައި ވަނީ ޝަރުއީ އަދި ގާނޫނީ އަސާސްތަކާއި ހިލާފަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝްން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެންމެހައި ދުސްތޫރީ ހަމަތަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.