ގެދޮރުވެރިޔާ ފްލެޓުތަކަށް މިދިޔަ ސަރުކާރުން ކަނޑައެޅި ކުލި ދައްކަން އެމްޑީޕީން ގޮވާލައިފި
އަދަދު
8 އޮކްޓޯބަރު 2025 | ބުދަ | 6:38
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް މި ސަރުކާރުން ނަގަމުންދާ ޑައުންޕޭމެންޓް އެމްޑީޕީގެ ވެރިކަމެއްގައި ކުލިން އުނިކޮށްދޭނެ ކަމަށާއި ފްލެޓުތައް ލިބުނު ފަރާތްތަކުން މި ސަރުކާރުން ކަނޑައެޅި ކުލީގެ ބަދަލުގައި މިދިޔަ ސަރުކާރުން ކަނޑައެޅި ކުލި ދެއްކުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅި އަދަދު މި ސަރުކާރުން ބޮޑުކުރުމާއި ފްލެޓުތަކަށް ޑައުންޕޭމެންޓެއް ހެދުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ހަމަ މި ފުރުސަތުގައި ފްލެޓު ލިބިފައި ތިބި ފަރާތްތަކަށް ގޮވައިލަން ފްލެޓުތަކުގެ ކުލި ދައްކާނީ ކުރިން އެއްބަސްވުމުގައި ވެފައިވާ އަދަދު. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން އެ 25،000ރ. އަކީ ވެސް ފްލެޓުތަކުގެ ވެރިންނަށް ލިބިދޭ އެއްޗެއްގެ ގޮތުގައި ހަދައިދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މައުރޫފް ވިދާޅުވި އެވެ.