އަނިޔާވެރިކަން އިސްކުރަން ފެށުމުން އެނގެނީ ސަރުކާރަށް ގޮތް ހުސްވާން ފަށައިފިކަން: އަދާލަތު
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 8:26
ސިޔާސީ ހަރަކާތްތެރިންނާ ދެކޮޅަށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އަނިޔާވެރި ހަރުކަށި ފިޔަވަޅު ސަރުކާރުން އަޅަން ފެށުމަކީ "އިންތިހާއަށް ކަންބޮޑުވާ ކަމެއް" ކަމަށާއި، އެފަދަ އަމަލުތަކުން އެނގިގެން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއިދު ނުލިބޭނެތީވެ ގޮތް ހުސްވަމުން ދިޔުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އޮކްޓޯބަރު 3 ގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ފޯނު ފުލުހުން ޖަހައިގަނެ، އަދި އެ ޕާޓީގެ ބައެއް އިސްވެރިން އޭސީސީއަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނިކޮށް، އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން ރައްޔިތުން ނުކުތީ، މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެ ސަރުކާރުން ތަންފީޒުކުރަމުންދާ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ނޭދެވޭ އަސަރުގެ ސަބަބުން ކަމަށެވެ.
"ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި އެކިގޮތްތަށް ޝުޢޫރު ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށައިފައިވުމަކީ އަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ،" ބަޔާނުގައިވެ އެވެ.