އޭސީސީ މެދުވެރިކޮށް ނޮވެމްބަރު 17 ގެ އެއްވުމަށް ހުރަސްއެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އެމްޑީޕީ
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 5:10
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަށް ވަނީ އޭސީސީން ހިންގާ ތަހުގީގަށް ހާޒިރުވާން ޗިޓު ފޮނުވާފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޗިޓު ފޮނުވީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށެވެ. އޭސީސީން ފައްޔާޒު އާއި އަމީރާއި އައިޝަތު އަލީ ވެސް ހާޒިރުކުރަނީ އޭރުގެ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލަތަކެއްގެ ތަހުގީގަށެވެ. މީގެ އިތުރުން ވެސް އޭރުގެ ސަރުކާރުގެ މިނިސްޓަރުންތަކެއް ހާޒިރުކުރާނެ ކަމަށް މައުލޫމާުތު ލިބިފައި ވެ އެވެ.