އިހަވަންދޫ އަށް ދެއްކީ ދަޅައެއް، ދޮޅު އަހަރުވީއިރު ވެސް ކުނިގޮނޑު ހުސްނުކުރެވުނު!
އަދަދު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 9:49
ހއ. އިހަވަންދޫގެ ކުނި މެނޭޖު ކުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވެ، މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފެށި ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެސް ނުފެށޭ ކަމަށާއި، ކުނިގޮނޑު ވެސް ހުސް ނުކުރެވުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އިހަވަންދޫ ކުނީގެ މައްސަލަ ހައްލުކޮށް ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ތަކުރާރު ވެސް ކުރެއްވި އެވެ.
"ކޮންމެގޮތެއް ވިޔަސް، ކުނީގެ މައްސަލައަށް ޒަމާނީ ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ، މި ރަށަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، ވެމްކޯއާ ހަވާލުކުރެވެންޏާ، ވެމްކޯއާވެސް ހަވާލުކުރާނެ ވާހަކަ މި ދެންނެވީ،" ފެބްރުއަރީ 24، 2024 ގައި މުއިއްޒު އިހަވަންދޫގައި ވިދާޅުވި އެވެ.