މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް އިހުމާލުވާތީ ހުށަހެޅި މައްސަލައިގައި ހަގީގަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލައިފި

އަދަދު

13 އޮކްޓޯބަރު 2025 | ހޯމަ | 9:14

އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުންނަށް އަނިޔާކޮށް، އިހުމާލުވަމުން ދާތީ ހުށަހެޅި ކުއްލި މައްސަލަ އަކީ ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ ވޯޓަކަށް ނާހަ އެވެ. ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެ ހުށަހެޅޭ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.

"ހުށަހެޅުއްވި މައްސަލާގައި ޖިސްމާނީ ގޮތުން އެކިވަރުގެ ހާނިއްކަ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެ މީހުންގެ އަސާސީ ހައްގުތައް ފުރިހަ ނުކޮށްދޭ ކަމަށާއި، އެ މީހުންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ ކަމަށާއި އެއް ހަފުތާއަށްވުރެ ގިނަ ދުވަސް ފަރުވާ ނުދީ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް ހާމަވާ ކަމަށާއި އެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ލަސްކޮށްފައިވާކަން އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވާއިރު އެއީ ހަގީގަތެއްކަން އިއްޒަތްތެރި މެންބަރަށް އެ މައްސަލާގައި ބަޔާން ކޮށްދީފައިނުވާތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް