ހިނގަމުންދާ ސަރުކާރުގެ މައްސަލަތައް ނުބެލޭނަމަ އޮޑިޓު އޮފީހާއި އޭސީސީއަށް ބަޖެޓު ދިނުމުގެ ބޭނުމެއް ނެތް: ފިއްޓޭ

އަދަދު

13 އޮކްޓޯބަރު 2025 | ހޯމަ | 10:40

ހިނގަމުންދާ ސަރުކާރެއްގެ މައްސަލަތައް، އެ ސަރުކާރު ނިމުމުގެ ކުރިން ނުބެލޭނަމަ އޮޑިޓާ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު ބަހުސް ކުރަމުން ގެންދާ މިދިޔަ ސަރުކާރުގެ ފެނަކައިގެ ހާއްސަ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މިފަދަ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި ނަމަވެސް ފެންނަ މަންޒަރަކީ ކޮންމެ ސަރުކާރެއް ނިމުމުން ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަށާ މަންޒަރު ކަމަށެވެ. އަދި، އޮޑިޓު އޮފީހާއި އޭސީސީގެ ތަހުގީގުތައް އަދާހަމަ ކުރުމަށް ޒިޔާދު ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ، އަދާހަމަ ކުރާށޭ. މިއަދުން ފެށިގެން މިއަދު. މި ސަރުކާރުން ކުރާ ކަންކަން މި ސަރުކާރުގަ ނުބެލީ ކަމުގެ ވެއްޖިއްޔާމު އޮޑިޓާ ޖެނެރަލްގެ އޮފީހެއް ހަދާފަ ބޮޑު ބަޖެޓެއް އެތަނަށް ކަނޑައެޅުމުގެ މާނައެއް ނެތް. އޭސީސީ އެއް އެތަނުގައި ބަޖެޓު ދީފައި ބޭއްވުމުގެ މާނައެއް ނެތް،" ޒިޔާދު ވިދާޅުވި އެވެ.

މައުޟޫޢުތަށް