އެއްވެސް ގެރެންޓީއެއް ނުނަގައި ވަޒީރުން ބޭނުން ޕްރޮޖެކްޓުތަކަށް އެޑްވާންސަށް ފައިސާ ދެނީ
އަދަދު
14 އޮކްޓޯބަރު 2025 | އަންގާރަ | 11:30
މާލިއްޔަތު ގަވާއިދަށް އިއްޔެ ގެނައި ބަދަލުތަކުގެ ދަށުން، ވާދަވެރި ބީލަމަކަށް ނުގޮސް ވަޒީރުންގެ މަޖިލީހުން ހަވާލުކުރާ ޕްރޮޖެކްޓުތަކަށް އެއްވެސް ގެރެންޓީއެއް ނޫނީ ސެކިއުރިޓީއެއް ނެތަސް، ޕްރޮޖެކްޓުގެ އަގުގެ 15 ޕަސެންޓު ފައިސާ އެޑްވާންސަށް ދެވޭ ގޮތަށް ހަދައިފި އެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ގަވާއިދު ބަދަލުކޮށްގެން މިކަމަށް ފަހިކުރިއިރު، މި އަހަރުގެ ފެބްރުއަރީގައި އެ ގަވާއިދު ބަދަލުކުރިއިރު ބިޑް ސެކިއުރިޓީއެއް، ޕާފޯމަންސް ގެރެންޓީއެއް، އެޑްވާންސް ފައިސާ ގެރެންޓީއެއް ނެތި ޕްރޮޖެކްޓު ހަވާލުކުރެވޭ ގޮތަށް ހެދި އެވެ.
މާލިއްޔަތު ގަވާއިދުގެ ބޭނުން ކަނޑުވާލާ ވަރުގެ ބަދަލުތަކެއް ގެނެސް، ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މުށުތެރެއަށް ލާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި މިއީ ސީދާ ކޮރަޕްޝަނަށް ފަހިކުރަން ކޮށާ މަގެއް ކަމަށް މި ކަމާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި އިދިކޮޅު ސިޔާސީ މީހުން ވެސް އަންނަނީ ބުނަމުންނެވެ.