ވިޔަފާރި ބަނދަރު ފަޅާލައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ސަރުކާރުގެ ބަހެއް ނެތް
އަދަދު
14 އޮކްޓޯބަރު 2025 | އަންގާރަ | 11:43
ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ދައުލަތުގެ ވެރިން ވާހަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.
ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފެންމަތިވީ އޮކްޓޯބަރު 8، ގަ އެވެ. އޭގެ ފަހުން މިއަދަށް ހަ ދުވަސް ފާއިތުވިއިރު، ރައީސް މުހައްމަދު މުއިއްޒު އަދި ހޯމް މިނިސްޓަރު އިހުސާން މިކަމުގައި ބަހެއް ބުނެފައެއް ނުވެ އެވެ.
މި ވެރިކަމަށް މި ވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުކޮށް މިފަދަ ބޮޑު މައްސަލައެއް ފެންމަތިވުމާއެކު މުއިއްޒު އާއި އިހުސާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަ އެވެ. އެގޮތުން "ސީރިއަސް މައްސަލައެއްގެ" ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެ މުއިއްޒު އެކި މައްސަލަތަކާ ގުޅިގެން އެތައް ޕޯސްޓެއް ކުރައްވާފައިވެ އެވެ.