ސްޓްރާޑާއިން ފައިސާ ނުދައްކާ މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ
އަދަދު
15 އޮކްޓޯބަރު 2025 | ބުދަ | 10:58
ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށްގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކުރި ނަމަވެސް، އެ ކުންފުނިން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ އަދަދު ސާފުކުރުމަށް ފަހު އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މި މައްސަލަ އަނބުރާ ގެންދިޔަ ސަބަބު ސާފުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުޝާމް އާއި ސުވާލު ކުރެއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެވެ. ޖަވާބުގައި އުޝާމް ވިދާޅުވީ މައްސަލަ ބާތިލުކުރަން އެދުނީ އެ ކުންފުނިން ދައުލަތާއި ތަން ހަވާލުކުރި ދުވަހާ ހަމައަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ސާފު ނުވާތީ ކަމަށެވެ.
އެ ކުންފުނިން ބިން ހަވާލުކުރި މުއްދަތާއި ހަމައަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ހޯދަން ވުޒާރާތަކަށް މިހާރު ސިޓި ފޮނުވާފައިވާނެ ކަމަށް އުޝާމް މިއަދު ވިދާޅުވި އެވެ. އަދި، ޖަވާބުގައި މިނިސްޓްރީން ފޮނުވި ތަފުސީލުގައި މައްސަލަތަކެއް އުޅޭތީ އެކަން ރަނގަޅުކުރަން މިހާރު އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.