އެލްރެޑު ބޭނުންކުރުމާ ގުޅޭ ސުވާލެއް ކުރުމުން އުޝާމް ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް ކަމަށް
އަދަދު
15 އޮކްޓޯބަރު 2025 | ބުދަ | 12:53
އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރުމާއި ގުޅިގެން ސުވާލުކުރުމުން، ފުލުހުން ބާރުގެ ބޭނުންކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އުސޫލެއްނެތި ފުލުހުން މިފަދަ ހަތިޔާރެއް ބޭނުންކުރުމާމެދު އުޝާމް ދެކިލައްވާގޮތް އައްސަވާފަ އެވެ. ޖަވާބުގައި އުޝާމް ވިދާޅުވީ އެ ހަތިޔާރާއި ގުޅޭގޮތުން ފުލުހުންގެ ތެރޭގައި ވަކި އުސޫލެއް އޮތްކަން ޔަގީންނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ، ފުލުހުންގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމަ، އެލްރެޑު ބޭނުންކުރުމުގަ ވެސް ފުލުހުންގެ އެތެރޭގެ ޕޮލިސީތަކެއް ހުންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން ތި ވިދާޅުވި ސްޕެސިފިކް ކަންތަކުގަ ޕޮލިސީއެއް އެކުލަވާލާފަ އޮތްތޯ ނުވަތަ ނޫންތޯ އެޔެއް އަޅުގަނޑަކަށް ޔަގީނެއް ނޫން،" އުޝާމް ވިދާޅުވި އެވެ.