ޕީއެންސީގެ ނިޒާރު އެދެނީ އައްޑޫގެ ރަށްތައް އެކީ އޮންނަން
އަދަދު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 2:55
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ ރަށު ކައުންސިލުތަކެއް އުފައްދަން އައްޑޫގެ ތިން ރަށެއްގައި ނަގާ ވޯޓުގައި، ހަ ރަށް ގުޅިގެން އުފައްދާފައިވާ ކައުންސިލު ރޫޅެން ނޭދޭ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލު ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ މިހެން ވިދާޅުވީ، ފޭދޫގައި ރަށު ކައުންސިލެއް އޮތުމަށް ފެންނަ ކަމަށް ބުނާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއެއްގައި އޭނާގެ ސޮއި އޮތް ސަބަބު ސާފުކޮށްދެއްވަމުންނެވެ.
އެ ގޮތުން ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލު އެކުލެވިފައި އޮތް ބަދަލުކުރުމަށް އެދި ފޮނުވި ސިޓީގައި އޭނާ ސޮއިކުރެއްވީ އޭރު އޭނާއަށް ލިބިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ ކަމަށެވެ. ނަމަވެސް އެ ފަހުން ކުރި މަސައްކަތުން އޭނާގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.