ކައުންސިލްތަކުގެ އިންތިހާބު ބާއްވަނީ މާޗު 28 ގައި، ކުރިމަތިލާން ހުޅުވާލަނީ ޖެނުއަރީ 17 ގައި
އަދަދު
19 އޮކްޓޯބަރު 2025 | އާދިއްތަ | 10:32
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު 28، ގައި ބާއްވަން ނިންމައި، އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 17، ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ޕްލޭންކޮށްފައި އޮތް ތާރީހުތަކުގައި ބޭއްވުމަށް ޕްލޭންކޮށްފައި އޮތް ދުވަސްތަކުގައި އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު ޓެންޓިވްލީ ޕްލޭންކޮށްފައި އޮތްގޮތުން ރާވާފައި އޮތްގޮތަށް ބަލާއިރުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަސް. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ބާއްވަން މިވަގުތު އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތް ރާވާފައި އޮތް ދުވަހަކީ އެދުވަސް،" ޒާހިދު ވިދާޅުވި އެވެ.