އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅޭތީ ސެންޓާ އެންޓްޕްރައިޒަސް މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ލަފާ ދީފި
އަދަދު
19 އޮކްޓޯބަރު 2025 | އާދިއްތަ | 7:04
ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބެލެވޭތީ ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓު އޮފީހުން ލަފާ ދީފި އެވެ.
ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިޒަސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ކުރަމުންދާ ހާއްސަ އޮޑިޓުގެ އޮޑިޓު ރިޕޯޓު މިއަދު ވަނީ ނެރެފަ އެވެ. އެ ރިޕޯޓުގައި ވަނީ އެ ކުންފުނިން ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ބައެއް ހެކިތައް ހިމަނާފަ އެވެ.
ސެންޓަ އެންޓަޕްރައިޒަސް އުފެއްދީ އެޕްރީލް 13، 2006 ގަ އެވެ. އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ އުފުލީ 2006 އިން 2021 އަށް ފޯރުކޮށްދިން ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އެވެ. ތަފާތު ހަ މައްސަލައެއް 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ހުށަހަޅާފައިވެ އެވެ.