ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެތީ ޝާހިދުގެ ކަންބޮޑުވުން
އަދަދު
19 އޮކްޓޯބަރު 2025 | އާދިއްތަ | 10:47
ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކު ލައްވައި ފައިސާ ޗާޕުކުރުމުން ދިވެހި ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ބުނީ މި މުއާމަލާތް ކުރިއަށް ގެންދަނީ އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ، ޕެންޝަން ފަންޑަށް އިންވެސްޓުކުރުމުން، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.
ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑުގެ ދުވަސްވަރާ ހިލާފަށް މިފަދަ ކަމެއް މިވަގުތު ކުރުމަށް ހާލަތެއް ނެތް ކަމަށެވެ. އަދި، މިކަން ކުރަން ޖެހޭ ސަބަބު ސަރުކާރަށް ސާފު ނުކޮށްދެވޭއިރު މިކަމުގެ ސަބަބުން އެތަކެއް ހިރާސްތަކެއް ކުރިމަތިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.