އައިކޮމްގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދިނުން ހުއްޓާލަން އަންގައިފި
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 10:15
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދެމުންދަނީ ގާނޫނުތަކާއި ނެރެފައިވާ ސާކިއުލާތަކާއި ހިލާފަށް ކަމަށް ބުނެ، އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސް މިނިސްޓްރީން އެ އޮފީހަށް އަންގައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންފޮމޭޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ލިވިން އެލަވަންސެއް ދެމުންދާކަން ހާމަވީ މިހާރު އާންމުކޮށްފައިވާ އެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގަ އެވެ. އެ އެލަވަންސް ހުއްޓާލަން އަންގައި ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފަ އެވެ.
ފިނޭންސުން އައިކޮމް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި އެލަވަންސް ދެމުންދިޔައީ މާލިއްޔަތު ގަވާއިދާއި ދައުލަތުގެ މުސާރައިގެ ސިޔާސަތު ގާނޫނާއި، 2022 އަދި 2016 ގައި ފިނޭންސުން ނެރެފައިވާ ތިން ސާކިއުލާއަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން މި މަހުން ފެށިގެން އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސުން ވަނީ އަންގައިފަ އެވެ.