ލާމުގައި އެއާޕޯޓް އަޅާނެ ތަނެއް މުއިއްޒަށް އަދިވެސް ނޭނގޭ
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 12:57
ސަރުކާރަށް ދެ އަހަރު ފުރެން ގާތްވަމުންދާއިރު ވެސް ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ތަނެއް ރައީސް މުހައްމަދު މުއިއްޒުއަށް ވިދާޅެއް ނުވެވުނެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މިވަގުތު ދެވަނަ އެއާޕޯޓާ އަޅާނެ ތަނަކާ ގުޅޭ ގޮތުން ދެވެން އޮތް ޔަގީންކަމަކީ އެއާޕޯޓު އަޅާނީ ދުރު ރާސްތާއަށް ވެސް ވިސްނައިގެން އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލްވާ ގޮތަށް ކަމަށެވެ.
"މިއަދު އަޅުގަނޑު ދޭނެ ޔަގީންކަމަކީ. އެއީ ވަރަށް މުހިންމު ޔަގީންކަމެއް. މި އަތޮޅަށް ދެން އަންނަން ޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށް ވެސް ވިސްނާއިރު އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށޭ،" މުއިއްޒު ވިދާޅުވި އެވެ.