ސެންޓާ އެންޓްޕްރައިސާސްގެ މައްސަލަ އޭޖީން ފުލުހުންނަށް ހުށަހަޅައިފި
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 8:43
ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބެލެވޭތީ ސެންޓަ އެންޓަޕްރައިސާސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިސާސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް އެ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.
"މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިން،" އޭޖީން ބުންޏެވެ.