ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕުނުކޮށް ކަންކަން ހާމަ ކުރަންޖެހޭ: ފައްޔާޒް
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 9:26
ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕުނުކޮށް، ފައިސާ ޗާޕު ކުރާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަންކޮށް، ރައްޔިތުންނަށް ކަންކަން ހާމަ ކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި މައްސަލައަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެގޮތަށް ފައިސާ ޗާޕު ކުރުމުން ޕެންޝަން އޮފީހުގެ އިތުބާރު ގެއްލި، ދިވެހިން ރިޓަޔަމަންޓް ޕެންޝަމް ފަންޑު ނުރައްކަލަކަށް ވެއްޓޭނެ ކަމަށެވެ.