އެސްއީޒެޑް ގާނޫނު އިސްލާހު ކުރަން އުޅެނީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން: ޝަމްހީދު
އަދަދު
21 އޮކްޓޯބަރު 2025 | އަންގާރަ | 10:29
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ ވަކި ބަޔަކަށް މަންފާ ހޯދައިދީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތް ހަދަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެސްއީޒެޑް ގާނޫނަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ އެ ބިލު މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި މިހާރު ރިސޯޓު ވިޔަފާރި ހިންގަމުންދާ މީހުންނާއި ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގާ ރިސޯޓުތަކާ ވާދަ ކުރެވޭނެ ފަދަ މާހައުލެއް ނޯންނާނެ ކަމަށެވެ.
"މި ހުށަހެޅިފައިވާ ބިލަކީ ވަރަށް ބޮޑު އޮޅުވައިލުމުގެ ތެރެއިން ބަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ހުށަހެޅިފައިވާ ބިލެއް، އަޅުގަނޑު މިއަދު ދައްކައިލަން ބޭނުން ހަގީގަތުގައި މި ޓައުންޝިަޕަކީ ނޫނު އަތޮޅުގައި މިހާރު ހެދެމުންދާ ރިސޯޓެއް، 11 ރަށް މިހާރު ވަނީ ހިއްކިފައި، މިތަން ސަރުކާރުގެ ތެރެއިން ބަޔަކު ބޭނުންވަނީ މިތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދާފައި ޓެކްސްއިން މިތަން ބަރީއަކޮށްދޭން،" ޝަމްހީދު ވިދާޅުވި އެވެ.