ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް "އޮއްސާލުމަށްފަހު" ވެސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓު ދޭ ކަމަށް
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 9:30
އެތައް މަޝްރޫއެއް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރުމަށްފަހު، މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ލ. ގަމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކަށް ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއު ހަވާލުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރު މަރުކަޒުތަކާއި، މިސްކިތްތައް އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރުވަނީ ސަރުކާރުގެ އެސްއޯއީތައް ލައްވައެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ތަރުތީބުކުރެވިގެން. ޕްލޭން ކޮށްގެން. އެއިރަކު މަސައްކަތް ކުރަން އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އެ މަސައްކަތް ހަވާލުކުރަން ޖެހޭނެ ފަރާތަކާ ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ހަވާލުކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.