ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ތިލަފުށިން ހޯދައިފި
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 8:59
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ހެދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިތުރު މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އެއީ 52 އަހަރުގެ ފިރިހެނެކެވެ. އެކަމަކު އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ތެރެއިން އޮކްޓޯބަރު 19، ގައި ތިލަފުށީގެ ސައިޓުތަކެއް ބަލައި ފާސްކޮށް، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުށީގައި ކޮންޓެއިނަރުތައް ބަހައްޓާފައިހުރީ ރޫޅާލުމަށްފަހު ބައިތައް ވަކިވަކިންނެވެ.