އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލުން ދައުލަތުގެ އާމްދަނީއަށް އަސަރުކޮށް ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ: ފައްޔާޒު
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 5:19
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ފައްޔާޒު އެކްސްގައި ވިދާޅުވީ މިއީ ޓޫރިޒަމަށް ދެވޭ ބޮޑު ގެއްލުމެއްގެ އިތުރުން ދައުލަތަށް ލިބެން އޮތް ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. މި ސަރުކާރުން ސަސްޓެއިނެބަލް ޓައުންޝިޕަކަށް ބަދަލުކުރާ ޕްރޮޖެކްޓަކީ އެމްޑީޕީގެ ސަރުކާރުގައި ޑިސެމްބަރު 2022، ގައި ގެނައި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަކަށް ނޫން. އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާއި މެދު ޝައްކު އުފެދޭ ކަމެއް. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.