ސަރުކާރުގެ އަމާޒަކީ ޕެންޝަން ފަންޑު ދޮވެލުން، އެމްއެމްއޭ އާއި ޕެންޝަން ބޯޑުގެ މެންބަރުން އިސްތިއުފާ ދޭން ޖެހޭ: ފައްޔާޒު

އަދަދު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:38

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒު ހުރީ ޕެންޝަން ފަންޑު ފުނޑާލުމަށް ކަމަށް ވިދާޅުވެ އެކަމުގައި ބައިވެރިނުވެ އިސްތިއުފާ ދިނުމަށް މަރުކަޒީ ބޭންކާއި ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

"އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް. ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް،" ސަރުކާރުގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ފައްޔާޒު ލިޔުއްވި އެވެ.

މައުޟޫޢުތަށް