އިންފަންޓީނޯގެ މެޗާ ދިމާކޮށް ފީފާއިން އިޒްރޭލު ބޭން ކުރަން ގޮވާލި މީހަކު ގަލޮޅު ދަނޑުން ނެރެފި
އަދަދު
24 އޮކްޓޯބަރު 2025 | ހުކުރު | 6:23
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހާއްސަ ފުޓްބޯޅަ މެޗާއި ދިމާކޮށް، ފީފާއިން އިޒްރޭލު ބޭން ކުރުަމށް ގޮވާލި މީހަކަށް ފުލުހުން ހުރަސް އަޅައި އޭނާ ގަލޮޅު ދަނޑުން ނެރެފި އެވެ.
މިއަދު ހަވީރު އޮތް މި މެޗާއި ދިމާކޮށް ބަޔަކު ވަނީ އިޒްރޭލާއި ދެކޮޅު އަދި ފަލަސްތީނާއި އެއްކޮޅު ޕޯސްޓަރުތަކެއް ހިފައިގެން ގަލޮޅު ދަނޑަށް ވަދެ އަޑުއުފުލާފަ އެވެ. އެ މީހުން ގޮވާލީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ފުޓްބޯޅައިން އިޒްރޭލު ބޭންކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެ މީހުން ކައިރިއަށް ފުލުހުން ގޮސް އެތަނުން އެކަކު ދަނޑުން ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ދެ ފުލުހަކު އެ މީހާ ނެރެގެން ގެންދާއިރު ދެން ތިބި މީހުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންދާ މަންޒަރު ފެނެ އެވެ.