ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލައި 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުންގެ ސިޓީއެއް މުއިއްޒަށް
އަދަދު
26 އޮކްޓޯބަރު 2025 | އާދިއްތަ | 10:19
ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ނުދޭން ގޮވާލައި 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ސޮއިކޮށްފައިވާ ސިޓީއެއް ރައީސް މުހައްމަދު މުއިއްޒަށް ރޭ ފޮނުވައިފި އެވެ.
އަންނަ ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އޯގަސްޓު 26، ގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަށް ބޭނުންވާ ގަވާއިދުތައް ވެސް މިހާރު ވަނީ ޑްރާފްޓުކޮށްފަ އެވެ.
މުއިއްޒަށް ފޮނުވި ސިޓީގައި ޖަމިއްޔާތަކާއި ސައިންޓިސްޓުން ބުނެފައި ވަނީ، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމުން އެކަމުން މަދު ބަޔަކަށް މަންފާއެއް ކުރި ނަމަވެސް އެކަމުގެ ސަބަބުން ގައުމަށް އިއާދަނުކުރެވޭނެ ގެއްލުން ލިބޭނެ ކަމަށެވެ.