ކުރިން ސޮއި ކުރި އެއްބަސްވުންތަކަށް ވާނުވާ ނޭނގި މަޝްރޫއުތައް އަލުން ހަވާލު ކުރާތީ އަމީރުގެ ބޮޑު ތުހުމަތެއް
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 9:10
ބޭރު ކުންފުނިތަކާ އެކީ ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް ހެދި ގޮތެއް ނުބުނެ، ހަމަ އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކުރާތީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަމީރު އެކްސްގައި ވިދާޅުވީ، ސަރުކާރުން ދަނީ ކުރީގެ ކޮންޓްރެކްޓްތައް ގާނޫނީ ގޮތުން އުވާލި ގޮތެއް ނުބުނެ ހަމަ އެ މަޝްރޫއުތައް އާ ބޭރުގެ ކުންފުނިތަކާއި ބައެއް ފަހަރު ދިވެހި ކުންފުނިތަކާ ހަވާލުކުރަމުން ކަމަށެވެ. މިއީ އެއްވެސް މަސައްކަތް ނުހިނގާ، "ޒީރޯ ޕްރޮގްރެސް" ގައި ހުރި މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ހަވާލުކުރުމާއި އެއްބަސްވުންތައް ބާތިލުކުރުމުގައި އެއްވެސް ހާމަކަމެއް ނެތި ސަރުކާރުން އަމަލުކުރަމުން ދަނީ، މި މަރުހަލާގައި ކޮރަޕްޝަން ހިނގާ ކަމަށް އަމީރު ތުހުމަތުކުރެއްވި އެވެ. އަދި ގޯސްކޮށް އުވާލި އެއްބަސްވުންތަކުގެ މައްސަލަތަކުގައި ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.