ކުރެންދޫ ބަނދަރު ތަރައްގީ ކުރަން ކުޑަކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ޔާމީންގެ ފާޑުކިޔުން
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 8:37
ރައީސް މުހައްމަދު މުއިއްޒު އިއްޔެ ޅ. ކުރެންދޫ އަށް ވަޑައިގެންނެވި ދަތުރުގައި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުޑަކުޑަށް އެކްސްކަވޭޓަރަކުން ފެށުމުން، އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި "ތިލައުތުރު އެވޯޑްސް" ހަފުލާގައި ޔާމީން ވިދާޅުވީ ރަށްރަށުގެ ބަނދަރުތައް އާންމު ގޮތެއްގައި ފުން ކުރާނީ 3.5 މީޓަރާއި 4 މީޓަރަށް ކަމަށެވެ. ނަމަވެސް ބޮޑު ރަސްމިއްޔާތެއް ބާއްވައި ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންކުރި އެކްސްކަވޭޓަރުން ފުންކުރެވޭނީ އެ މަނިކުފާނު ވިދާޅުވި ގޮތެއްގައި އެއް މީޓަރަށެވެ.
"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ. އެމްޓީސީސީއާ ހަވާލުކުރީމަ، އެމްޓީސީސީން މިކަން މިކުރަނީ ފަސް ޓަނުގެ އެކްސްކަވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެކްސްކަވޭޓަރެއްގެ ކެޕޭސިޓީއަކީ އެއް މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.