މުއިއްޒުގެ ވައުދާ ހިލާފުވެ، ހުޅުމާލެއިން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ފަލާހު ގޮވާލައިފި
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 2:04
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކަށް ބަދަލު ދިނުމަށްފަހު ދައުލަތަށް ނަގަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށާއި އެ ގޯތިތައް ދައުލަތަށް ނަގަންޖެހޭ ކަމަށެވެ. އެއީ އެނާގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް މިތަނުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަަކައެއް ނޫން، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޝުއޫރެއް މިއަދު މި ފާޅުކުރަނީ، އަޅުގަނޑުގެ ހިޔާލަކީ އަދިވެސް ދީފައި އެ ހުރި، ހިލޭ ދީފައި އެ ހުރި ބިންތައް، އެތަނުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި، ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލު ދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.