މާލެ ސަރަހައްދުން ދިން ގޯތިތައް އަތުލަން ޕީޖީ ލީޑަރު ގޮވައިލުމުން ޒަމީރު އެކަމަށް ފާޑުވިދާޅުވެއްޖެ
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 11:00
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ވެރިކަން ހިންގާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ގޮވައިލުމުން އެ ޕާޓީގެ، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، އަހުމަދު ޒަމީރު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދައުލަތަށް ނަގަންޖެހޭ ކަމަށް ބުނެ އިއްޔެ ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން މާލެ ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް، މާލެއިން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް މި ސަރުކާރުން އަތުނުލާނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް ދެއްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަކީ މާލެ މީހުންނަށް ހައްގު އެއްޗެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.