ކަސްޓަމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 11:24
ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް މިއަދު ވަކިކުރީ ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ.
މުއިއްޒު މިއަދު ވިދާޅުވީ ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ބޭރުކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާއެކު ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކި ކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.