ފިހާރައަކަށް ފޭކު ފައިސާ ސްލިޕެއް ފޮނުވި މީހަކު ތިން މަހަށް ޖަލަށްލާން ހުކުމްކޮށްފި
އަދަދު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:11
ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ބޭންކް ސްލިޕެއް ފޮނުވި މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހދ. ކުޅުދުއްފުށީ، ޗާނދަނީގޭ، މުހައްމަދު ފާރިހުގެ މައްޗަށެވެ. ފާރިހުގެ މައްޗަށް ދައުލަތުން މި މައްސަލައިގައި ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. މަކަރާއި ހީލަތުން, ފިހާރައިން ނެގި މުދަލުގެ އަގު 1299 ރުފިޔާއަށް އަރަ އެވެ.
މަކަރާއި ހީލަތް ހެދުމަށްފަހު, އޮޅުވާލައިގެން ފިހާރައިން ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ތިން ފޮށި ސިނގިރޭޓާއި, ދެ އެކްސެލް ދަޅާއި, އެއް ކްރަމްޕީ ފުޅި އާއި އެއް ޕާނާއި ދެ ޕެކެޓް ކޮފީ އަދި ދެ ފުޅި ކޮފީ އެވެ.