އާރުޓީއައި ހުށަހެޅުމުން ވެސް މުއިއްޒުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފުސީލެއް ނުދިން
އަދަދު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:36
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.
ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު މުއިއްޒު ހިންގެވި ކަމަށް ޝައްކު ކުރެވޭ 20 އަށް ވުރެ ގިނަ މައްސަލަ އޮތީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި މައްސަލަތަކުގެ ތަފުސީލު ހޯދުމަށް އަދަދު ނޫހުން އޭސީސީގެ މީޑިއާ ޓީމާއި ތަކުރާރުކޮށް ސުވާލުކުރުމުން މީގެ ކުރިން ވަނީ މައުލޫމާތު ދޭން އިންކާރުކޮށްފަ އެވެ. އެއާއެކު ސެޕްޓެމްބަރު 29، ގައި މި ނޫހުން ވާނީ އެ ތަފުސީލުތަކަށް އެދި އާރުޓީއައި އެއް ހުށަހަޅައިފަ އެވެ.