ހުލާސާކޮށް އިއްޔެ: އެސްއޯއީތައް ރަނގަޅެއް ނުކުރެވުނު، މި އަހަރު ދޫކުރާ ފައިސާ 2.4 ބިލިއަނަށް އަރާނެ
އަދަދު
31 އޮކްޓޯބަރު 2025 | ހުކުރު | 7:39
ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ ސަރުކާރު ކުންފުނިތައް ރިފޯމްކޮށް، އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހާނެ ކަމަށް ބުނުމަށް ފަހު އެ މަސައްކަތް ނުކޮށް، މި ހިނގަމުން މިދާ 2025 ވަނަ އަހަރު ވެސް ކުންފުނިތަކަށް ދޫކުރާ ފައިސާ 2.4 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރަން ކަނޑައެޅި ބަޖެޓު ވަނީ މުރާޖާކޮށް، 1.1 ބިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ކުންފުނިތަކަށް ދޭން ހިމެނީ 1.3 ބިލިއަން ރުފިޔާ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ޓްރޭޑް ނެޓަށެވެ. އެއީ 612 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސްޓެލްކޯ އަށް 500 މިލިއަން، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ ބަޖެޓުން ދޭނެ އެވެ.