ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކޮށް ސޯލިހުއަށް އެވޯޑެއް އަރުވައިފި
އަދަދު
31 އޮކްޓޯބަރު 2025 | ހުކުރު | 11:04
އެމްޑީޕީގެ ވެރިކަމުގައި ހއ. ހޯރަފުށީގެ ތަރައްގީއަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ރަށު ރައްޔިތުންގެ ފަރާތުން ހާއްސަ އެވޯޑެއް އެމަނިކުފާނަށް އަރުވައިފި އެވެ.
ހޯރަފުށި ދުވަސް ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ސޯލިހުއަށް އެރުވީ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. އެއީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.