ބަޖެޓު 2026: ސަބްސިޑީ ޓާގެޓު ކުރުމުގެ ވިސްނުމެއް ނެތް
އަދަދު
2 ނޮވެމްބަރު 2025 | އާދިއްތަ | 9:41
އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ގޮތަށް މި އަހަރުގެ ތެރޭގައި ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލު ކުރާނެ ކަމަށް ބުނެ، އެ ގޮތަށް ބަޖެޓު އެކުލަވާލުމަށް ފަހު، ސަރުކާރުން އެ ވިސްނުން އެއްކޮށް ދޫކޮށްލާފައިވާ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ޔަގީންވެއްޖެ އެވެ.
ސަބްސިޑީ ޓާގެޓުކުރުމަކީ ސަރުކާރުން މިދިޔަ އަހަރު އިއުލާން ކުރި ހޯމްގްރޯން ފިސްކަލް ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެކެވެ. މިއީ އޭގެ ކުރިން އެމްޑީޕީ ސަރުކާރުން ވެސް ދެ އަހަރެއްގެ ބަޖެޓުގައި ހިމަނައި، އެކި ސަބަބުތައް ދައްކައި ތަންފީޒުނުކޮށް ދޫކޮށްލާފައި އޮތް ސިޔާސަތެކެވެ.
މި ސަރުކާރުން ސަބްސިޑީ ޓާގެޓުކުރަން މި އަހަރުގެ ބަޖެޓުގައި ޖެހީ، އޭގެ އިސްރާފު ބޮޑު ކަމަށް ބުނުމަށް ފަހުގަ އެވެ. ފާސްކުރި ބަޖެޓު ފޮތުގެ 158 ވަނަ ސަފުހާގައި، "މައުލޫމާތު ގޮޅި 3: އިންޑައިރެކްޓް ސަބްސިޑީ" ސުރުހީގެ ދަށުން އޮތް ލިޔުމުގައި މި ސިޔާސަތުގެ ބޭނުން ތަފުސީލުކޮށްފަ އެވެ.